ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ކާމިޔާބުކޮށްފިއެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދިޔަ ޕްރައިމަރީގައި ވޯޓުލުމަށްޓަކައި ދެ ސަރަހައްދެއްގައި ވަނީ ފޮށި ބަހައްޓާފައެވެ. އެގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ މެންބަރުން ވޯޓުލުމަށް ހިތަދޫ ސްކޫލުގައި ފޮއްޓެއް ބަހައްޓާފައިވާއިރު، މާލެ އާއި އެހެނިހެން ރަށްރަށުން ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގައެވެ.
މި އިންތިހާބުގައި މޭލެ ސިޓީގައި ބެހައްޓި ވޯޓު ފޮއްޓަށް ޖުމްލަ 103 މީހަކު ވޯޓުލާފައިވާއިރު، ސިނާނުއަށް ވަނީ 59 ވޯޓު ލިބިފައެވެ. މި އިންތިހާބުގައި ސިނާނު އާއި ވާދަކުރި އަހްމަދު ސައީދުއަށް ލިބުނީ 37 ވޯޓެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ބެހެއްޓި ވޯޓި ފޮއްޓަށް 424 މީހަކު ވޯޓުލާފައިވާއިރު ސިނާނު އަށް ލިބުނީ 226 ވޯޓެވެ. އަހްމަދު ސައީދު އަށް 189 ލިބުނީ ވޯޓެވެ.
ޕީއެންސީގެ ދަފްތަރުގައިވާ ގޮތުން މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 727 މެންބަރުންނަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކުމުގެ މައްސަލައިގައެވެ. މި މައްސަލައިގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
