ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމުން ބާއްވާ ބައި އިލެކްޝަންގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރައްވަން، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ބައިއިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ.
މި އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައި ސިނާން ވަނީ އޭނާގެ ކެމްޕޭން މަސައްކަތްތައް ފައްޓަވާފައެވެ. ސޯޝަލް މީޑިއާގައި ސިނާން ކުރެއްވި ޕޯސްޓެއްގައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވިކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ސާބިތުވެފައިވާ ދަރަންޏެއް، ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ދައްކަވަމުން ގެންދަވާފައި ނުވާކަމަށެވެ. ގާނޫނުއަސާސީ ބުނާގޮތުން، ސާބިތު ދަރަންޏެއް އޮވެ، އެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެއެވެ.
މި މައްސަލައާ ގުޅިގެން ގޮނޑި ގެއްލުނު ނަމަވެސް، އަލުން އިންތިހާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވުމުގެ އުންމީދުގައި ހުންނެވިކަން ފާހަގަކުރައްވައި ސިނާން ވަނީ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. “މި އިންތިހާބުގައި އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ ލޮބުވެތި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހްލާސްތެރި އެއްބާރުލުމަށް އަޅުގަނޑު ނުހަނު ބޮޑަށް އެދި ދަންނަވަމެވެ.”ސިނާން ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިނާން މި ގޮނޑި ކާމިޔާބުކުރެއްވީ، ވިހި އަހަރު ވަންދެން އެ ގޮނޑި ފުރުއްވަމުން ގެންދެވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި ހަރަކާތްތެރިވާ މުހައްމަދު އަސްލަމް ބަލިކުރެއްވުމަށްފަހުއެވެ. އެހެންކަމުން، އެމްޑީޕީން ވެސް ދަނީ މި ގޮނޑި އަނބުރާ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އަހްމަދު ސޯދިގު ވަނީ މި އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
