ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމލް 13.6 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ހަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ މި އަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 ޕަސެންޓުގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 12.0 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 ޕަސެންޓް އިތުރު އަދަދެކެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 17.5 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ވަނީ އާމްދަނީ އިތުރުވެފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 33.5 ޕަސެންޓް އިތުރުވެ 768.0 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 39.1 ޕަސެންޓް އިތުރުވެ 649.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް ހަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 14.6 ޕަސެންޓް އިތުރުވުމެކެވެ. ހަރުމުދަލަށް ކުރާ ހަރަދު ނުވަތަ ކެޕިޓަލް ހަރަދު 39.9 ޕަސެންޓް އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާ އިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވެފައި ވެއެވެ. ފާއިތުވި ހަފުތާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. އެގޮތުން އާ ހަމައަށް ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36.2 ޕަސެންޓުގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ފާއިތުވި ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ބަދަލަކީ، ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތައް ތަރުތީބުކޮށްފައިވާ ގޮތަށް ގެނައި އިސްލާހު ކަމަށެވެ. ރައީސް އޮފީހުން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އިރުޝާދާ އެއްގޮތަށް މި ބަދަލުތައް މިހާރު ވަނީ ރިޕޯޓުގެ ތާވަލުތަކުގައި ހިމަނާފައި ކަމަށާއި އޭގެ ބޭނުމަކީ ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ މާލީ ހިސާބުތައް ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ދޫކުރާ ޖުޑީޝަރީ ސެކްޓަރަލް ގްރާންޓް އާ ގުޅިގެން ހަރަދުތައް ރިޕޯޓުކުރާ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ބްލޮކް ގްރާންޓް އުސޫލަށް ބަދަލުވުމާ ގުޅިގެން، ޑީޖޭއޭގެ ހަރަދުތައް ބަޖެޓު ތާވަލުތަކުން ވަނީ އުނިކޮށްފައި ކަމަށާއި މިއީ ހަރަދުގެ ތަފާސްހިސާބުތައް އިތުރަށް ސާފުކޮށް ހުށަހެޅުމަށް ގެނެވުނު ބަދަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
