ބ، ޅ އަދި މ އަތޮޅުގެ ޔޫޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ބ، ޅ އަދި މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ފެނަކަ ކޯޕަރޭޝަނުން ނަގާ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ރިފޯމްކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މީގެ މައިގަނޑު މަގުސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

ސްޓެލްކޯއިން މިހާރުވެސް ދަނީ ކ، ވ، އއ، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދެމުންކަން ފާހަގަކޮށް ފިނޭންސް ނިނިސްޓްރީން ބުނީ ސަރުކާރުގެ މި ފަހުގެ ނިންމުމާއެކު، އަލަށް ސްޓެލްކޯގެ ހިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން އިތުރުވަނީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫ ކަމަށެވެ.

ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށިވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެކަމަށާއި، މ. އަތޮޅުން ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއިއެކު ގްރޭޓާ މާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެއެވެ.

މި ބަދަލުތައް ގެންނައިރު ރަށްރަށަށް ފޯރުކޮށްދެމުންދާ އަސާސީ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްގެންގޮސް ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.