ތެޔޮ ބޯޓެއްގައި މަސައްކަތްކުރަމުން ދަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މަރާލި މައްސަލާގައި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ލިޓަން ގެއްލުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރި "ހެދޭކުރި" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ނިޒާމާއެކު ދަތުރުކުރަނިކޮށެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، ލިޓަންއަކީ "ފިއުލް ޕަވާ" ކުންފުނީގެ ތެޔޮ ބޯޓެއް ހިންގުމާ ހަވާލުވެ ހުރި މީހެކެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި، ކ. ގަލުފަޅު ކިޔާ ސަރަހައްދަކަށް ލިޓަން މޫދަށް ވައްޓާލީ އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތުމުގެ ބޭނުމުގައެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި ލިޓަން ފުރުމުގެ ކުރިން 90،000 އަށްވުރެ ގިނަ ރުފިޔާ އޭނާއަށް ލިބިފައިވެއެވެ.
މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ލިޓަން މޫދަށް ވައްޓާލިކަމަށް ތަހުގީގުގައި ނިޒާމް އެއްބަސްވެފައިވާ ކަމަށެވެ. ތަހުގީގަށް ބަޔާން ދިނީ މަޖުބޫރުކޮށްގެން ކަމަށް ނިޒާމްގެ ފަރާތުން ކޯޓުގައި ބުނި ނަމަވެސް، އެ ބަޔާން ނަގާފައިވަނީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި، ވީޑިއޯ ފުޓޭޖުންވެސް ނިޒާމްގެ ފަރާތުން އެއްވެސް ހާސްކަމެއް ފެންނަން ނެތްކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި މަޖުބޫރުކުރިކަމުގެ އެއްވެސް ޝަކުވާއެއް ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައި ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެ މައްސަލާގައި ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް ސާބިތުނުވި ނަމަވެސް އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
މިއީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތާރީހުގައި، ގެއްލިފައިވާ މީހެއްގެ ހަށިގަނޑު ނުފެނި މީހަކު މެރުމުގެ ދައުވާއެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތެކެވެ. މިހާރުވެސް ނާޒިމް ގެންދަނީ، ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
