ނިމިދިޔަ ކައުންސިލް އިންތިހާބަށް ފަހު މަގާމުން އިސްތިއުފާ ދެއްވި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާނުގެ ބަދަލުގައި އެ މަގާމަށާއި ބޯޑު މެންބަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ޝަފީގް އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސީއީއޯގެ މަގާމަށް ދަފްތަރު ނަންބަރު ރސ 2861، ހުސެއިން ޝަފީގު އައްޔަން ކޮށްފައި ވާ ކަމަށާއި އޭނާ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދުން ފެށިގެންނެވެ.

އެމްޕީއެލްއަކީ ގިނަ އަދަދެއްގެ މުވައްޒަފުން އުޅޭ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެވަގުތަކު އޮންނަ ސަރުކާރަކުން، ސީއީއޯ ކަނޑައަޅާ ކުންފުނިތަކުގެ ތެރެއިން އެމްޕީއެލްއަށް ހަމަޖެއްސި ޝަފީގަކީ، ހިނގަމުންދާ ސަރުކާރުގައި ކަނޑައެޅި 3 ވަނަ ސީއީއޯއެވެ.

ހިނގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލްގެ ފުރަތަމަ ސީއީއޯ އަކީ އިބްރާހިމް ވަޖީހު އެވެ. އޭނާ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި އޭނާ މަގާމުން ވަކި ކުރުމަށް ފަހު ދެން އައްޔަން ކުރީ އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ.

ޝަފީގު އައްޔަން ކުރީ މި މަހު ރިޝްވާން އިސްތިއުފާ ދެއްވުމުން މަގާމު ހުސްވެފައި އޮންނަތާ ދުވަސްކޮޅެއްގެ ފަހުންނެވެ.