ރޭ މާލޭގައި ކުރިއަށް ދިޔަ އެމްޑީޕީގެ އެއްވުން ކޮންޓްރޯލް ކުރަން ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރޭ މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ފުލުހުން ބާރުގެ ބޭނުންކޮށް އެ ޕާޓީގެ އާންމު މެންބަރަކަށް އަނިޔާވިކަމަށް ބުނެ ތުހުމަތުކޮށްފައިވަނިކޮށެވެ. އެގޮތުން އަނިޔާވި މީހާ ހަބަރުހުސްވެ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އޭނާ އަށް ފުލުހުންގެ ކަރަންޓު މުގުރުން ހަމަލާ ދިންކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ފުލުހުން ބުނީ ރޭ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ނަމަވެސް ރޭގެ އެއްވެސް އެއްވުމެއް ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ނުކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތްކަމަށެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ.
ފުލުހުން ގެ ބަޔާނުގައި މިފަދަ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފާހަގަކޮށްފައިވެއެވެ. މިހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސް ކޮށްފައި ވެއެވެ.
