މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް އޭޕްރީލް 22، 2026 އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރަށްރަށުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ 13 ރަށަކީ:

  1. ހއ.އިހަވަންދޫ
  2. ހދ.ހަނިމާދޫ
  3. ށ.މިލަންދޫ
  4. ބ.އޭދަފުށި
  5. ފ.ނިލަންދޫ
  6. ކ.ހިންމަފުށި
  7. ރ.ދުވާފަރު
  8. ދ.ކުޑަހުވަދޫ
  9. ޅ.ފެލިވަރު
  10. ގއ.ކުއްޑޫ
  11. ފުވައްމުލައް
  12. ހުޅުމީދޫ
  13. ހުޅުމާލެ ޖެޓީ

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވާއިރު، ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަގީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާމައްޗަށް އަރައިގެން ދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް ތެލުގެ ކަންކަން ވީ އެންމެ ރަނގަޅަށް މަނޭޖުކުރަމުން ގެންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.