ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރި އިއުލާނެއްގައި ބުނީ، "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"އަކީ ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ހާއްސަ އިނާމެއް ކަމަށެވެ. މީގެ އިތުރުން، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމާއި، މުޖުތަމަޢު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެމިތިބުމަށް ބާރުއެޅުމަކީވެސް މި އިނާމު ދިނުމުގެ މައިގަނޑު އެއް މަގްސަދުކަމަށް ވެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރުދުންނަށާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން އެކި އިދާރާތަކަށް ވަނީ ހުޅުވާލެވިފައެވެ. ވަކިން ހާއްސަކޮށް، އެ އަހަރަކަށް ކަނޑައަޅާފައިވާ ޝިއާރާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އިއާލާނުގައި ބަޔާންކޮށްފައިވެއެވެ.

މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހަށް ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ޝިއާރަކީ “Unmasking the Appeal – Countering Nicotine and Tobacco Addiction” އެވެ. މި ޝިއާރު ދިވެހިބަހުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މި ގޮތަށެވެ.

މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ކަނޑައެޅިފައިވާ ހާއްސަ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 2026 މޭ 2 ވާ އާދީއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އެގޮތުން، ފުރިހަމަކޮށްފައިވާ ފޯމުތައް ފޮނުވާނީ [email protected] އަށެވެ.

މި އިނާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި، ޢިނާމަށް ހުށަހެޅުމުގެ ޝަރުޠުތައް ބަޔާންކޮށްފައިވާ މައުލޫމާތު ކަރުދާސް، މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިޢުލާނާއެކު ލިބެން ހުންނާނެއެވެ.

ދިވެހިރާއްޖޭގައި މި ދުވަސް ކޮންމެ އަހަރަކުވެސް ކުލަގަދަގޮތެއްގައި ފާހަގަކުރަމުންދާއިރު، މި އެވޯޑަކީ ދުންފަތުން ދުރުހެލި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.