ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް މިއަދު އައްޔަނުކޮށްފިއެވެ.

މޫސާ ފަތުހީ މި މަގާމަށް އައްޔަނުކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަގާމުން އިސްތިއުފާ ދެއްވަމުން މުއާޒް ވިދާޅުވީ، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ވަރަށް ބޮޑަށް ވަގުތު ދޭންޖެހޭ މަގާމަކަށް ވާއިރު، އެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެއްވޭނެ ބޭފުޅަކު ހުރުމަކީ ޕާޓީގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލަށް އައްޔަނުކުރެވުނު މޫސާ ފަތުހީ އަކީ މިހާރުވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ބޯޑު މެންބަރެކެވެ. މީގެ އިތުރުން، އޭނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގެ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ސިޔާސީ ދާއިރާގައި ފަތުހީ އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވީވެސް އޭނާއެވެ.