މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ވިޔަފާރިތަކަށް ދިމާވެފައިވާ އުނދަގޫތައް ހައްލު ކުރުމަށް މާޗް މަހުން ފެށިގެން މިއަދާ ހަމައަށް 163 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިފަދައިން ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކަށް އޭގެ އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ބޭންކުތަކާ ގުޅިގެން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"މި ބަލަނީ ބޭންކް އޮފް މޯލްޑިވްސް އާއި މަޝްވަރާ ކޮށްގެން އަދި އެހެން ބޭންކުތަކާ ވެސް މަޝްވަރާކޮށްގެން ވިޔަފާރިތަކަށް މިވަގުތުން ވަގުތަށް ހުރި އުނދަގޫތައް ހައްލުކުރުމަށްޓަކައި އެޑިޝަނަލް ވޯކިން ކެޕިޓަލް އާއި އެހެން ހުރި ފައިނޭންސިން ނީޑްސްތަކަށް ފައިސާ ދޫކުރުން،" ޒަމީރު ވިދާޅުވިއެވެ.
އެގޮތުން މާޗް އާއި އޭޕްރިލް މަސް ތެރޭގައި 163 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސެކްޓާއަށް މިވަގުތު 261 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަަމަށްވެސް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ވިޔަފާރިތަކަށް ދެމުންދާ އެހީތަކުގެ ތެރޭގައި:
- މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެވްރެޖުކޮށް 5.6 މިލިއަން ޑޮލަރު ވިއްކި / މި އަހަރު 106 މިލިއަން ޑޮލަރު ވިއްކާފައިވޭ
- މިދިޔަ އަހަރު ކާޑު ސެޓުލްމެންޓަށް 26 މިލިއަން ދޫކުރި / މި އަހަރު އެ ކަމަށް 40 މިލިއަން ޑޮލަރު ދޫކުރި
މީގެ އިތުރުން ވެސް ބާޒާރުގައި މުދާ ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ސަރުކާރުން މިހާރު އިސްކަންދެމުންދަނީ އެންމެ ބޭނުންތެރި މުދާ ހުރި ކޮންޓެއިނަރުތައް އަވަހަށް ގެނައުމަށް ކަމަށް ވަޒީރުންގެ ކޮމިޓީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، ބާޒާރުގެ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށް، ސަންފްލާވާ ތެލާއި ކިރު ހިމެނޭހެން 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކުގައި މީގެ ކުރިން އެދިފައި ވެއެވެ. މީގެ އިތުރުން ވެސް އިގްތިސާދީ ވުޒާރާގެ އަމާޒަކީ އެފަދަ މުދާ ހުސްވުމުގެ ކުރިން ރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރުން ކަމަށް ވަޒީރުންގެ ކޮމިޓީން ބުނެފައި ވެއެވެ.
