11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ މާލެ، މ. މުނިޔާގެ، މުހައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2009) ގެ ދަށުންނެވެ.
މި ހާދިސާގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާއެކު، ފުލުހުން ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ތަހުގީގުކޮށްފައެވެ. ތަހުގީގު ނިންމުމަށްފަހު ފުލުހުން މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހުއެވެ. މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މުހައްމަދު އަނިލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 16 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި 4 މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަންޖެހޭ އަދަބެއްގެ ގޮތުގައި ކޯޓުން ކަނޑައެޅީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.
މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކާމިޔާބީއެއްކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ކުދިންނަށް ޖިންސީގޯނާކޮށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ފަސްޖެހުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
