ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒް ހަލީމް މިކަން ހާމަކުރައްވާފައިވަނީ މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، މިއަދުން ފެށިގެން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ވަރަށް ބޮޑަށް ވަގުތު ދޭންޖެހޭ މަގާމަކަށް ވާއިރު، އެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެއްވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ ނިންމެވި ނިންމެވުމެއްކަމަށެވެ.

މީގެއިތުރުން، ޕީއެންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް އެ ޕާޓީ ހެއްދެވުމަށްޓަކައި، ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށް ވެސް މުއާޒް ފާހަގަކުރެއްވިއެވެ.

މުއާޒް ހަލީމަކީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރުން، މިރުކާރުގެ މިނިސްޓްރީ އޮފް ޑިފެންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މުއާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީއެންސީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.