ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް މި މަހުގެ 17 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި، ފައިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތައް މާލީ ގޮތުން ބާރުވެރިކުރުވައި، އިސްރާފު ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް ބަޔާންކޮށްފައެވެ. މިގޮތުން އެންމެ ބޮޑު ނިންމުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ދީފައިވާ އިރުޝާދެވެ.

މީގެ އިތުރުން، ކުންފުނިތަކަށް މުވައްޒަފުން އައްޔަންކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، 'މެރިޓް ބޭސްޑް' ނުވަތަ ތައުލީމާއި ތަޖުރިބާއަށް ބަލައިގެން މީހުން ހޮވާ އުސޫލު އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. މިއީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާބިލު މީހުންނަށް ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ދެކެއެވެ.

ފައިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ބަދަލުތަކަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފައިދާވާ ތަންތަނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުންތަކެކެވެ. މީގެ ކުރިން ވެސް ޕީސީބީން ވަނީ ކުންފުނިތަކުގެ އިތުރުގަޑީގެ ހަރަދުތަކާއި، ދަތުރުފަތުރާއި، ކޮންމެހެން ބޭނުންނުވާ ހަރަކާތްތަކަށް ކުރާ ހަރަދުތައް ކުޑަކުރުމަށް އަންގާފައެވެ.

މި އާ އިރުޝާދުތައް ތަންފީޒުކުރަމުންދާ މިންވަރު މޮނިޓާކޮށް، އެކަމުގެ ތަފްސީލީ ރިޕޯޓެއް ގަވާއިދުން ފޮނުވުމަށްވެސް ޕީސީބީ އަށް މިހާރު ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުވެ، ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ކުޑަވެގެންދާނެއެވެ.