ޅ. އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނާ މިއަދު ހަވާލުކޮށްފިއެވެ.

ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ ޅ. އަތޮޅު "ދިއްދޫ" ނަމަކަށް ކިޔާ ފަޅުރަށަކަށް ޑިންގީއެއްގައި ދިޔަ ބަޔަކަށެވެ. އެމީހުންނަށް މި ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. ކިނބޫ ފެނުމާއެކު އެ ސަރަހައްދަށް ދިޔަ މީހުން ވަނީ އެ ކިނބޫ ހިފައި، ޅ. ނައިފަރަށް ގެންގޮސްފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.

މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ނައިފަރަށް ގޮސް އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިހާރު އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.