ށ. ފަރުކޮޅުން 10 ފޫޓުގެ ބޮޑު ކިނބުލެއް ހިފައިފިއެވެ.

މިއީ ފަރުކޮޅަށް ޕިކުނިކު ގޮސް އުޅުނު ބަޔަކަށް ފެނުނު ކިނބުލެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި މި ކިނބޫ އޮތީ އެރަށު ގަސްގަނޑެއް ތެރެއަށް ވަދެއެވެ.

ވީޑއޯއިން ފެންނަ ގޮތުގައި އެ ގަސްގަނޑު ކައިރީ ގިނަ އަދަދެއްގެ މީހުން ތިއްބެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކިނބޫ ވިލު ތެރެއަށް ދެމިގަތީ ވެސް މަޅިޖަހައިގެން ހިފަން އުޅެނިކޮށެވެ. މި ކިނބޫ ހިފާފައިވަނީ އެރަށަށް ޕިކްނިކް ދިޔަ މީހުންނާއި ފުލުހުން ވެގެންނެވެ.

މިހާރު މި ކިނބޫ ވަނީ ށ. ފުނަދޫ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

މިހާރަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގެ ގޮނޑުދޮށާ ކައިރިން ދަނީ ގިނަ އަދަދެއްގެ ކިނބޫ ފެންނަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ކިނބުލެއް ފެނިފައެވެ. އަދި އެމްއެންޑީއެފް އިން ވަނީ ކިނބޫ ހިފުމަށް ފަހު ކ. ބޮލިދުއްފަރުން ފެށިގެން 24 ނޯޓިކަލް މޭލު ބޭރަށް އެ ކިނބޫ ދޫކޮށްލާފައެވެ.