ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު އެލާޓްގައި ބުނެފައިވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 07:15 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށެވެ.
މި ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ބަދަލުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އާންމު ގޮތެއްގައި ކަނޑުތައް މަޑުވެފައި ރާޅުގެ އުސްމިން ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ހުރި ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
