މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަހްމަދު ނަވްޝާދުކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަވްޝާދު ބަންދުކޮށްފައި ހުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ބަންދުގައި މީހަކު ނިޔާވުމުން އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކަސްޓޯޑިއަލް މަރުތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ނިޔާވި ސަބަބު ކަށަވަރު ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމާމެދު އާއިލާއާ މަޝްވަރާކޮށް ގޮތެއް ނިންމުމާއި ގޮޅީގެ ސީސީޓީވީ ފުޓޭޖުތައް އެނަލައިޒް ކުރުމެވެ.