ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، މާދަމާ މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭކަމަށާއި، އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށްކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. މުޅި ރާއްޖެއަށް ވިއްސާރަ ކުރި ނަމަވެސް، އާންމު ގޮތެއްގައި ވައި މަޑުވާނެ ކަމަށާއި، ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވުން އެކަށީގެންވާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުން ބަދަލުވާ ދުވަސްވަރު ކުރާ ވިއްސާރައެއް ކަމަށް ބެލެވޭއިރު، ރަސްމީކޮށް ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ މޭ މަހުގެ ފަހުކޮޅުގައެވެ. މޭ މަހަކީ އާންމުކޮށް ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަވާ މަހެއްކަންވެސް އެ މެޓް އޮފީހުން ފާހަގަކުރެއެވެ.