ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅުނު 8 ވަނަ އިސްލާހަށް ރައްޔިތުންގެ ރުހުން ނުލިބި، އެ ބިލު ބާތިލުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ޝާއިއުކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން، ވޯޓުލީ މީހުންގެ ބޮޑު އައުލަބިއްޔަތަކުން ނިންމީ އެ ބިލު ތަސްދީކުރަން ނުފެންނަ ކަމަށެވެ. އެގޮތުން މި ބިލު ތަސްދީގުކުރަން ނުފެންނަ ކަމަށް 148،859 މީހުން ވަނީ ވޯޓު ދީފައެވެ. އެއީ ސައްހަ ވޯޓުގެ 68.74 އިންސައްތައެވެ. ބިލު ތަސްދީގުކުރަން ފެންނަ ކަމަށް ވޯޓު ދިނީ 67،680 މީހުންނެވެ. އެއީ 31.26 އިންސައްތައެވެ.
ލޯކަލް ކައުންސިލްތަކާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޙަބާއެކު މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ މި ވޯޓުގައި ޖުމްލަ 221،111 މީހުން ވޯޓުލާފައިވެއެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުންގެ ތެރެއިން 74.98 އިންސައްތަ މީހުންނެވެ. މި ވޯޓުގައި 4،572 ވޯޓު ބާތިލުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މިދިޔަ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. ސަރުކާރުން މި ބަދަލު ގެންނަން މަސައްކަތްކުރީ، ގާތްގާތުގައި ބޮޑެތި އިންތިޚާބުތައް ބާއްވަން ޖެހުމުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ ނިޔަތުގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު އަންނަ ފަދަ އިސްލާހެއް މަޖިލީހުން ފާސްކުރި ނަމަވެސް، އެ ބިލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގައި، ވޯޓުދިން މީހުންގެ އައުލަބިއްޔަތު ލިބިގެންނެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ފެބުރުއަރީ 16 ވަނަ ދުވަހު ނެރުއްވި ގާރާރެއްގެ ދަށުން މި ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފައެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިކުރުވި ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެއެވެ. އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކުރި ރަސްމީ ނަތީޖާއާއެކު، މަޖިލީހުން ފާސްކުރި ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު މިހާރު ވަނީ ބާތިލުވެފައެވެ.
