ނުކުޅެދުންތެރިކަން ހުންނަ 14,993 އަށްވުރެ ގިނަ މީހުންނަށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާކިޔާއިރު 993 މީހުންގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި މިހާތަނަށް ޖުމްލަ 15,280 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރެއިން 62 މީހުންނަކީ ފެބްރުއަރީ މަހުގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި ފަރާތްތަކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ގޮތުގައި ފެބްރުވަރީ މަހު އެކަނިވެސް ދައުލަތުން 54,842,000 (ސައުފަންސަސް މިލިއަން އަށްލައްކަ ސާޅީސް ދެހާސް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން، ފަގީރު ހާލަތުގައި އުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީގެ ތަފްސީލުވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، މި އެހީގެ ދަށުން 706 ފަރާތަކަށް ޖުމްލަ 26,040 ރުފިޔާ ދޫކޮށްފައިވާއިރު، މި އެހީއަށް އަލަށް ހަ ފަރާތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ހަމައެއާއެކު، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށްވެސް ދައުލަތުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންސްޕާގެ ހިސާބުތަކުން ދައްކާގޮތުގައި، މި އެހީ ލިބޭ 101 ބެލެނިވެރިއަކާއި 137 ކުޑަކުދިން ތިބި އިރު، މި ބައިން އަލަށް އެކަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދާއިރާއިން އެހީގެ ގޮތުގައި ޖުމްލަ 187,500 ރުފިޔާ ވަނީ ދޫކޮށްފައެވެ.