ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 12 ޑިމާންޑެއް ހުށަހަޅައި، އެކަންކަން ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ރޭ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި ގަރާރުގައި 12 ކަމެއް އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅިއެވެ.

އެމްޑީޕީން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި:

  1. މުސްތަގިއްލު މުއައްސަސާތަކުގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ނަގައި، ރައްޔިތުންގެ މަޖިލީހަށް ބަދަލުކުރުން
  2. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެރިން މަގާމުން ވަކިކުރުން
  3. ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން
  4. ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތައް އުވާލައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުން
  5. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން.
  6. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ދަނޑިވަޅާ ދިމާކޮށް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުން.
  7. ސަރުކާރުގެ ސިޔާސީ މަގާމުގެ އަދަދު ހާމަކުރުން. އޭގެ ތެރޭގައި މިދިޔަ ހަ މަސް ދުވަހު ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ޕްރޮމޯޝަންގެ އަދަދާއި އެ މީހުންގެ ތަފުސީލް ހާމަކުރުން.
  8. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާއި، އިގްތިސާދީ ސައްހަ މައުލޫމާތު ހާމަކުރުމާއި، މުދަލުގެ އަގުތައް ކޮންޓްރޯލްކޮށް ހެޔޮކުރުން
  9. ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ރާވާފައިވާ ކަންކަން އިސްލާހުކުރުން.
  10. ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ވޯޓު ދެއްވާ ގޮތަކުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލު ބާތިލްކުރުން.
  11. ތިމާވެއްޓަށް ގެއްލުންވާ ޕްރޮޖެކްޓްތައް ހުއްޓާލައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބާރުވެރިކަން އިއާދަކުރުން
  12. ގާނޫނުއަސާސީ އިސްލާހު ކުރާއިރު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުން.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، އޭޕްރީލް 4 ގައި ބޭއްވި އިންތިހާބުގެ ނަތީޖާއިން، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަން ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ. އެމްޑީޕީގެ، މި ގަރާރު ފާސްކުރުމާ އެކު، އެ ޕާޓީން ރޭ ވަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން މަގުމައްޗަށް ނުކުމެފައެވެ.

އެމްޑީޕީގެ އިތުރުން، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިންވެސް ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި މާލޭގައި މުޒާހަރާކުރަމުންނެވެ.