ބައެއް މިނިސްޓްރީތަކަށް ބަދަލު ގެނެސް ކެބިނެޓް މިރޭ އަލުން އެކުލަވާލައިފި އެވެ.

ކެބިނެޓުގެ 10 ވަޒީރަކު މިއަދު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އާ ކެބިނެޓަށް އެކުލަވާލި ބޭފުޅުންނަކީ:

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން
  • ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު، ގީލާ އަލީ
  • އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީރު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު
  • އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު، މުހައްމަދު ޝަހީމް
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު، އަބްދުﷲ މުއްތޮލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް

މީގެ ތެރެއިން އަލަށް ވަޒީރުކަމަށް އައްޔަންކޮށްފައިވަނީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފެވެ. މީގެ ކުރިން ހީނާ ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގައެވެ. އަދި އޭނާ ގެންދެވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީއަށް އަލީ ޝަރީފް އައްްޔަން ކުރުމުގެ ކުރިން އޭނާހުންނެވީ މި ސަރުކާރުގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖުގެ މަގާމުގައެވެ.

ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 ވަޒީރުންނެވެ. އެކަމަކު 5 މިނިސްޓްރީ މަދުކޮށްފައިވާއިރު އެނގިފައިވާ ގޮތުގައި ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލައްވަން ވަނީ ނިންމަަވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރާ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއެކު ކެބިނެޓުގައި ދެން ތިއްބަވާނީ ޖުމްލަ 15 މިނިސްޓަރުންނެވެ.

މިރޭ އެކުލަވާލި އާ ކެބިނެޓަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް ރުހުން ހޯދުމަށްޓަކައި އެ ބޭފުޅުން އައްޔަންކުރައްވާތާ 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވަން ޖެހެއެވެ.