ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ އިސްލާހީ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ކެބިނެޓުގެ 10 މިނިސްޓަރުން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، 10 ވަޒީރުން ހުށަހެޅުއްވި އިސްތިއުފާގެ ސިޓީތައް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާފައިވާކަމަށެވެ. އަދި މި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ އާ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިއަދު އިސްތިޢުފާ ދެއްވި ވަޒީރުންނަކީ:

  • މުހައްމަދު ގައްސާން މައުމޫން - މިނިސްޓާ އޮފް ޑިފެންސް
  • ޑރ އަބްދުﷲ ހަލީލް - މިނިސްޓާ އޮފް ފޮރިން އެފެއާޒް
  • އަބްދުﷲ ނާޒިމް އިބްރާހީމް - މިނިސްޓާ އޮފް ހެލްތު
  • ތޯރިގު އިބްރާހީމް - މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވާރަންމަންޓް
  • ޑރ އާއިޝަތު ޝިހާމް - މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
  • އާދަމް ނަސީރު އިބްރާހީމް - މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
  • ޑރ މަރްޔަމް މާރިޔާ - މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ
  • އިބްރާހީމް ވަހީދު - މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
  • އާދަމް ޝަރީފު އުމަރު - މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް
  • ޑރ އަލީ ހައިދަރު އަހްމަދު - މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

މި ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ މުއްދަތުގައި ސަރުކާރުގެ މަގްސަދުތައް ހާސިލުކުރުމަށާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އެ ވަޒީރުން ދެއްވި އެއްބާރުލުމާއި ކުރެއްވި ބުރަ މަސައްކަތްޕުޅަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.