ހުޅުމާލޭގެ ފޭސް 1 ގައި ތަރައްޤީކުރަމުންދާ ވޯޓާ ޕާކް ސަރަހައްދުގައި ހުރި ގަސްތަކެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފަޔާ ފައިޓަރުން ކުރި މަސައްކަތުން، ގަސްތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 07:39 ހާއިރުއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފެއް ނުވެއެވެ.