މިދިޔަ ހަފްތާ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން 37،334.15 ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން މިއަދު އާންމުކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓެއިނަރު ބޯޓުފަހަރުން 37،334.15 ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ އިރު، ޖެނެރަލް ކާގޯ ބޯޓުފަހަރުން 3،433.51 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ. މީގެ އިތުރުން، ކޮންޓެއިނަރު ބޯޓުފަހަރުން 1،313 ކޮންސައިންމަންޓް ކްލިއާކޮށްފައިވާ އިރު، ޖެނެރަލް ކާގޯ ބޯޓުފަހަރުން 336 ކޮންސައިންމަންޓް ވަނީ ކްލިއާކޮށްފައެވެ.
ކޮންޓެއިނަރުތަކުގެ ތަފްސީލަށް ބަލާއިރު، ފާއިތުވި ހަފުތާގައި 1،269 ޓީއީޔޫގެ މުދާ ވަނީ ބާލާފައެވެ. އަދި 1،514 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. މިއާއެކު ޖުމްލަ ތްރޫޕުޓް ވަނީ 2،783 ޓީއީޔޫއަށް އަރާފައެވެ.
ބޯޓުފަހަރުގެ ހަރަކާތްތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 2 ކޮންޓެއިނަރު ބޯޓު ބަނދަރަށް އައިސްފައިވާއިރު، 2 ބޯޓު ވަނީ ފުރާފައެވެ. ހަމައެއާއެކު، ޖެނެރަލް ކާގޯ އުފުލާ 6 ބޯޓު ބަނދަރަށް އައިސްފައިވެއެވެ. އަދި 7 ބޯޓު ވަނީ މުދާ ހުސްކުރުމަށްފަހު ފުރާފައެވެ.
މުދާ ކްލިއާ ކުރުމުގައި ދަތިތަކެއް ހުރިކަން ބައެއް ވިޔަފާރިވެރިން ފާހަގަކޮށްފައިވާ އިރު، މުދާ ކްލިއާ ކުރުން އަވަސްކޮށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
