އިންޑިއާ އާއި ޗައިނާ ގުޅޭ އިމުގައި އޮންނަ، އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ބައެއް ތަންތަނަށް ޗައިނާއިން އަމިއްލައަށް ނަންތަކެއް ދިނުމަށް ކުރި މަސައްކަތަކީ ގޯސް ނިޔަތުގައި ކުރި ކަމެއް ކަމަށް ބުނެ، އެކަން އިންޑިއާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިއީ ސަރަހައްދީ މިލްކުވެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދިޔަ ކަމެކެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސިވިލް އެފެއާޒުން މި މަހުގެ 10 ވަނަ ދުވަހު ވަނީ އަރުނާޗަލް ޕްރަދޭޝްގެ 20 އަށް ވުރެ ގިނަ ތަނަކަށް ޗައިނާ ބަހުން ނަންދީ، އެ ނަންތަކުގެ ލިސްޓެއް އާންމު ކޮށްފައެވެ. މީގެ ތެރޭގައި 15 ފަރުބަދައަކާއި، މީހުން ދިރިއުޅޭ 5 ސަރަހައްދަކާއި، ފަރުބަދަމަތީ 4 މަގުގެ އިތުރުން ކޯރުތަކާއި ކުޅިތައް ހިމެނެއެވެ. ޗައިނާއިން އަރުނާޗަލް ޕްރަދޭޝްއަށް ކިޔަނީ "ޒަންގްނާން" އެވެ. އަދި އެއީ ދެކުނު ޓިބެޓްގެ ބައެއް ކަމަށާއި، އެއީ ޗައިނާގެ ސަރަހައްދެއް ކަމަށް އެ ގައުމުން އަބަދުވެސް ދައުވާކުރެއެވެ.

މިކަމަށް ރައްދުދެއްވަމުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވީ، އިންޑިއާގެ ސަރަހައްދުތަކަކަށް އަމިއްލައަށް ހަދައިގެން ނަންތަކެއް ދިނުމަށް ޗައިނާއިން ކުރާ މަސައްކަތްތައް އިންޑިއާއިން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށެވެ. އަދި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައިގެން، އަރުނާޗަލް ޕްރަދޭޝް އަކީ އިންޑިއާގެ ބައެއް ނޫންކަމަށް ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ މި އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް އިންޑިއާއިން ވަނީ ޗައިނާއަށް ގޮވާލާފައެވެ.

އަރުނާޗަލް ޕްރަދޭޝްގެ ތަންތަނަށް ނަން ދިނުމަކީ ޗައިނާއިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޗައިނާއިން މިފަދަ ލިސްޓެއް ނެރުނު ހަވަނަ ފަހަރެވެ. މީގެ ކުރިން 2021، 2023، 2024 އަދި 2025 ވަނަ އަހަރުވެސް ޗައިނާއިން ވަނީ މިފަދަ ލިސްޓުތައް ނެރެފައެވެ. މިހާތަނަށް ޗައިނާއިން ވަނީ އެ ސަރަހައްދުގެ 80 އަށްވުރެ ގިނަ ތަނަކަށް ނަން ދީފައެވެ. މުހައްލިލުން ދެކޭ ގޮތުގައި މިއީ އެ ސަރަހައްދުގެ މައްޗަށް އޮތް ޗައިނާގެ ދައުވާ ވަރުގަދަކުރުމަށް ކުރަމުންދާ ކަމެކެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އެންމެ ބޮޑަށް ގޯސްވެފައިވަނީ 2020 ވަނަ އަހަރު ގަލްވާން ވާދީގައި ދެ ގައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކަށް ފަހުގައެވެ. އޭގެ ފަހުން ގުޅުން ރަނގަޅުކުރުމަށް އަސްކަރީ އަދި ޑިޕްލޮމެޓިކް ފެންވަރުގައި އެތައް ބުރެއްގެ މަޝްވަރާތައް ކުރެވެމުން ދިޔަ ނަމަވެސް، ސަރަހައްދީ ރޮނގުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އަދިވެސް ވަނީ ދާއިމީ ހައްލަކަށް ނާދެވިފައެވެ.

މި މައްސަލައިގެ އިތުރުން، ޗައިނާއިން ވަނީ ޕާކިސްތާނުން ހިފާފައިވާ ކަޝްމީރު (ޕީއޯކޭ) އަދި އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ކައިރީގައިވާ ޝިންޖިއާން ޕްރޮވިންސްގައި "ސެންލިންގް" ގެ ނަމުގައި އާ ކައުންޓީއެއްވެސް ދާދި ފަހުން ގާއިމުކޮށްފައެވެ. މިއީ ޗައިނާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާއިން ބުނަމުން އަންނަނީ އެ ގައުމުން ނަންތައް ދެނީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި ކަމަށާއި، އެއީ ގާނޫނީ ގޮތުން އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ޗައިނާގެ ސިވިލް އެފެއާޒް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ވަނީ އަރުނާޗަލް ޕްރަދޭޝްގެ 23 ސަރަހައްދަކަށް ޗައިނާ ބަހުންނާއި ޓިބެޓް ބަހުން ނަންދީ، އެ ތަންތަނުގެ ޖީޕީއެސް ކޯޑިނޭޓްތައް އާންމު ކޮށްފައެވެ. މީގެ ތެރޭގައި ފަރުބަދަތަކާއި، ކޯރުތަކާއި، އަދި މީހުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ. ޗައިނާއިން މިކަން ސިފަކުރަނީ އެ ސަރަހައްދުތަކުގެ ނަންތައް މިންގަނޑަކަށް ފެއްތުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ.