އިއްޔެ ސޮނެވާ ޖާނީ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ރޯވި "ގެދަރިން" އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސޮނެވާ ޖާނީ ރިސޯޓުގެ އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ އިއްޔެ 14:10 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔާ ސްޓޭޝަނަށް ލިބުމާއެކު، ފަޔާ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މި ހާދިސާގައި އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ ތަނެއްކަން ފާހަގަކޮށް އެމްއެންޑީއެފް އިން ބުނީ މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭކަމަށެވެ. އަދި އަލިފާނު ރޯވުމުގެ ސަބަބުން އެ ތަންތަން ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްއެންޑީއެފް އިން ބުނީ އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.