ޕެނަމާއިން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ "އެމްއެސްސީ މެގްނިފިކާ" ނަމަކަށް ކިޔާ ބޮޑު ފަސިންޖަރު ލައިނަރަކުން ދަތުރުކުރި އުމުރުން ދުވަސްވީ މީހެއްގެ ބަލިހާލު ބޮޑުވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ޓީމުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގައި ބަލިހާލު ދެރަވެގެން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 78 އަހަރުގެ ފްރާންސް ފިރިހެން ރައްޔިތެކެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފަސިންޖަރުގެ ހާލު ދެރަވެގެން އަވަސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިއުމުގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެމްއެސްސީ މެގްނިފިކާއަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މަޝްހޫރު ކްރޫޒް ލައިނަރެކެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރުގައި ދިމާވާ މިފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ އަބަދުވެސް ނަމޫނާ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
