މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، ހަތަރުވަނަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓާ ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މަގުގެ ހަތަރުވަނަ ސެގްމަންޓުގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މިއީ މާލޭގެ އުތުރު ފަރާތުގެ ތޮށިގަނޑު ވަރުގަދަކޮށް، މަގު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން، މަޝްރޫއުގެ ފަސްވަނަ ސެގްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، އެ ސަރަޙައްދުގައި ބިން ހިއްކުމުގެ މަސައްކަތާއި، ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ހަމައެއާއެކު، އެންކަރު ހަރުކުރުމާއި ކޭބަލް އެޅުމަށް ބޭނުންވާ ޓްރެންޗް ކޮނުމުގެ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަހައްދެވެ.