މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޮޅުންތަކަކަށް ތައްޔާރުވުމުގެ ގޮތުން، ދައުލަތުގެ ކުންފުނިތަކުން ހަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން ނެރުނު އާ ސާކިއުލާއެއްގައި ބުނެފައިވަނީ، މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ހަރަދު ކުޑަކުރުމުގެ އިރުޝާދުތަކެއް ދީފައިވާނެ ކަމަށާއި، ނަމަވެސް މިހާރު މެދުއިރުމަތީގައި އޮތް ނުތަނަވަސްކަމާ ގުޅިގެން އިތުރު ބޮޑެތި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ބޭރުގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އުފުލަންޖެހިދާނެ މާލީ ބުރަ ކުޑަކުރުމެވެ.

މިގޮތުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަންގާފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދުތައް މެނޭޖުކޮށް، އެ ހަރަދުތައް ބޮޑުތަނުން ކުޑަކުރުމެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އޮޕަރޭޝަންތައް ހިންގުމަށް ކޮންމެހެން ބޭނުންތެރި މަގާމުތަކަށް ނޫނީ އާ މީހުން ނުނެގުން ހިމެނެއެވެ. އަދި ހުރިހާ މަސައްކަތްތަކެއް ރަސްމީ ގަޑީގެ ތެރޭގައި ނިންމުމަށް އިސްކަންދީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ކުރާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކާއި ތަމްރީނުތަކެއް ހުއްޓާލުމަށް ޕީސީބީން ވަނީ އިރުޝާދު ދީފައެވެ. އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކާއި ތަމްރީނުތައް ކުރިއަށް ގެންދިއުމަށާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ފެރީގެ ހިދުމަތް ބޭނުންކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުންފުނިތަކުން ބާއްވާ ކޮންމެހެން ބޭނުން ނޫން ހަފުލާތައް ނުބޭއްވުމަށާއި، ހަކަތައިގެ ހަރަދު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވެސް ވަނީ ބާރުއަޅާފައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކަށް ވިސްނައި، ދައުލަތުގެ ކުންފުނިތަކުން ހަމައެކަނި އަސާސީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ހުރިހާ އިސްރާފުތަކެއް ހުއްޓާލުމަށް ޕީސީބީން ވަނީ ހަރުކަށިކޮށް އަންގާފައެވެ. މި ހާލަތާ ގުޅިގެން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް މިހާރު ވަނީ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސް، ހަރަދު ކުޑަކުރުމުގެ މަސައްކަތްތައް ފަށާފައެވެ.