ހަރަދު ކުޑަކުރުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަސްކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެ ކުންފުނިން ވެސް ނިންމާފައިވާ ކަމަށެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަރަދު ކުޑަކުރުމަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް އެ ކުންފުނިންވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ވަނީ ކުރުކޮށްފައެވެ. މީގެކުރިން މި މުވައްޒަފުން ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށް ކަމުގައި ވިޔަސް މިހާރު ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށް ވުރެ އިތުރު ނުކުރުމަށް ކުންފުނިން ވަނީ އެދިފައެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމަށާއި، ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖެއްސި ނަމަވެސް މި ދަތުރުތަކުގައި ކުންފުނިން ކުރާ ހަދަރުތައް ވީހާވެސް ކުޑަކުރުމަށް ވަނީ އެދިފައެވެ. އަދި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އެކު އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައ،ި މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމަށްވެސް އެމްޕީއެލް އިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަސްކުރުމަށް އެމްޕީއެލް އިން ވަނީ ނިންމާފައެވެ. އަދި މި ކޮންފަރެންސް މި އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލްގެ އިތުރުންވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
