ބީއެމްއެލްގެ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސަށް އަމިއްލައަށް ކުރަންޖެހޭ ހަރަދު 5 އިންސައްތައަށް ކުޑަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފައިވާކަމަށާއި، މިއީ ކުރިން އަމިއްލަ އަށް ހަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އެގޮތުން 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެކަމަށެވެ.

ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައިކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ 9 އިންސައްތަގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކު ކަމަށެވެ.

މީގެ އިތުރުން 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް 5 އިންސައްތައަށް ކުޑަކޮށްފައިވާކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.