ތެޔޮ މަސްދަޅު ވިއްކާ އަދަދު މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ލިމިޓްކޮށްފިއެވެ.
މިކަމާ ގުޅިގެން މިފްކޯގެ ޕަބްލިކް ރިލޭޝަންސް ސީނިއާ މެނޭޖާ ޝިފްޒާ މުސްތަފާ ވިދާޅުވީ ސްޓޮކް ލިބެންދެން ކޮންމެ މީހަކަށް ލިބޭނީ 24 އަދި 48 ދަޅުގެ އެއް ކޭސް ކަމަށާއި މި ބަދަލު ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
މިފްކޯއިން މިފަދައިން އަމަލުކުރަން ނިންމި ސަބަބު ހާމަކުރައްވަމުން ޝިފްޒާ ވިދާޅުވީ މިއީ މަސްވެރިކަން ދަށަށް ދިއުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
ޝިފްޒާ ވިދާޅުވީ ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓު ކުރި ނަމަވެސް މިފްކޯގެ އެހެން އުފެއްދުންތައް ލިމިޓު ކުރުމެއް ނެތި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، ތެޔޮ މަސްދަޅު ލިމިޓު ކުރުމުގެ ބޭނުމަކީ މިތަކެތި މިފްކޯގެ އަގުގައި މެދު ކެނޑުނަ ނުދީ ފޯރުކޮށްދިނުން ކަމަށެވެ.
މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކުރަން ނިންމާފައިވާއިރު ދާދި ފަހުން އެ ކުންފުނިން ވަނީ އަގުބޮޑު ކުރި ތެޔޮ މަސްދަޅުގެ އަގު ކުރިން ހުރި އަގަށް ދަށްކޮށްފައެވެ. އެގޮތުން ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާއެކު މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުން މަސްދަޅެއްގެ އަގު 18.50 އަށް ވަނީ ބޮޑުކޮށްފައެވެ. މިއީ ކުރީގެ އަގުން އެއް ރުފިޔާގެ އިތުރުވުމެކެވެ. މި ބަދަލާއެކު، ކޭހެއްގެ އަގު 800 ރުފިޔާއަށް އުފުލުނެވެ.
ނަމަވެސް މަސްދަޅު އަގުބޮޑު ކުރުމާއި ގުޅިގެން ރައްޔިތުން ފާޅުކުރި ހިޔާލުތަކަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ކުރިން ހުރި އަގަށް ބަދަލުކުރަން ނިންމީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ކާބޯ ތަކެއްޗާއި އެހެނިހެން ހިދުމަތުގެ އަގުތައް އުފުލޭނެ ކަމަށް އެކަމުގެ މާހިރުން ވަނީ ލަފާކޮށްފައެވެ.
