އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި ބްރިޖްތަކާއި ހަކަތައިގެ ވިއުގަ އެކީއެކަށް ފުނޑުފުނޑު ކޮށްލައި، މުޅި ހަޟާރަތް އެކަށް ނެތިކޮށްލައްވާނެ ކަމަށް ވިދާޅުވުމަށް ފަހު 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

އެމެރިކާއިން ދޭ ހަމަލާއަކުން، އީރާނުގެ މުޅި ނަސްލު ނުވަތަ މުޅި އާބާދީ އެކީއެކަށް މަރުވެގެންދާނެ ކަމަށް ނުވަތަ މަރާލާނެ ކަމަށް ދޭހަވާ މޭރުމުން ޓްރަމްޕް އޭނާގެ ސޯޝަލްމީޑިއާ 'ޓްރްތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓާ ގުޅިގެން ދުނިޔޭގެ އެކިއެކި ދީންތަކާއި ހަޟާރަތްތަކަށް ނިސްބަތްވާ ފަރާތްތަކާއި ގައުމުތަކުން ޓްރަމްޕްގެ ވާހަކަ އަކީ ކަންބޮޑުވާ ވާހަކައެއްކަމަށް ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ފާޅުގައި ކުށްވެރި ކޮށް ޓްރަމްޕަށް ފާޑުކިޔަން ކެރުނު އެއްވެސް ގައުމެއް ނެތެވެ.

އެމެރިކާގެ އެތެރެއާއި އަދި ބޭރުން އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާއި، އީރާނާއި އެމެރިކާ ސުލްހަ ކުރެވޭތޯ ޕާކިސްތާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ކުރަމުން ގެންދިޔަ މަސައްކަތާއެކު 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން ޓްރަމްޕް އެއްބަސްވެވަޑައިގަތީއެވެ.

އެއްވެސް ބަހަނާއެއް ނެތި އެމެރިކާގެ ހުށަހެޅުން ގަބޫލުކޮށް ހޮރުމޫޒު ކަނޑުއޮޅި ރޭގެ 12 އަށް ހުޅުވަން ނުވަތަ އެމެރިކާގެ ހަމަލާތަކާ ކުރިމަތިލައި އެންމެން މަރުވެދާން ޓްރަމްޕް އީރާނަށް އިންޒާރު ކުރައްވައިގެން ބިރުދައްކަމުން ގެންދަވާފައި ސުލްހައަށް އެއްބަސްވިކަން އިއުލާން ކުރެއްވީ ރޭ ދަންވަރުއެވެ.

2 ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލަން އެއްބަސްވީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ނުރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. 2 ހަފްތާގެ މުއްދަތަށް އީރާންވެސް އެއްބަސްވެފައި ވާ އިރު، އެގައުމުން ވަނީ، 10 ނުކުތާގެ މައްޗަށް އެކުލެވޭ ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގައި ވާގޮތުން، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގ ފިޔަވަޅުތައް އުވާލުމާއި، އީރާނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލު ދިނުމާއި، މަރާމާތުކޮށް އާރާސްތު ކުރުމަށް އެހީތެރިވެ ދިނުމާއި، ޔޫނިއަމް ފައްކާ ކުރުމަށް ހުރަސް ނޭޅުން ހިމެނެއެވެ. އަދި އީރާނު ހިމެނޭހެން މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާއިން ކުރާ ހަނގުރާމަތައް ހުއްޓާލުމާއި، މެދުއިރުމަތިން އެމެރިކާ ފައިގައިގެން ދިޔުން ހިމެނެއެވެ.

މި ނުކުތާތަކަށް ރިޔާއަތް ކުރައްވައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، 2 ހަފްތާއަށް ހަމަލާތައް ހުއްޓާލަން އެއްބަސްވަނީ، އެއްވެސް ޝަރުތެއް ނެތި އީރާނުން ހޮރުމޫޒު ކަނޑުއޮޅި ހުޅުވައި އެ ކަނޑުއޮޅީގެ ހަރަކާތްތައް އަމާންކަމާއެކު ގެންދަން އެއްބަސް ވުމުން ކަމަށެވެ. އަދި އީރާނުން ހުށަހަޅާފައިވާ 10 ނުކުތާއަކީ ވާހަކަ ދައްކައިގެން ހައްލެއް ހޯދިދާނެ ނުކުތާތަކެއް ކަމަށް ގަބޫލު ކުރާ ކަމަށާއި 2 ހަފްތާގެ މުއްދަތުގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މި 10 ނުކުތާ އަކީ، އެމެރިކާ އާއި އީރާނާ ދެމެދު މީގެ ކުރިންވެސް މަޝްވަރާ ކުރުމަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ހިމެނޭ 10 ނުކުތާއެކެވެ. ނަމަވެސް ކުރީގެ މަޝްވަރާތަކުގައި އެމެރިކާއިން އެއްވެސް ވަރަކަށް ދޫދީފައި ނުވުމާއި މަޝްވަރާގެ މޭޒުގައި ތިއްބައި، އަނެއްފަރާތުން ގޮސް އީރާނަށް ހަމަލާ ދީފައި ވެއެވެ.

ނަމަވެސް މިއަދު 2 ހަފްތާއަށް ވި އެއްބަސްވުމާއެކު، އިޒްރޭލުންވެސް ވަނީ ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލައިފައެވެ. ނަމަވެސް ލުބުނާނުގެ ލިޓާނީ ކޯރާ ހަމައަށް ވަދެ އިޒްރޭލާއި ލުބުނާނު ގުޅޭ އިމުން 30 ކިލޯމީޓަރުގެ ސަރަހައްދު ހިފައިގެން ތިބި އިޒްރޭލު ސިފައިން ފައިބައިގެނެއް ނުދެއެވެ.

މުރާސިލުން ބުނަނީ، އިޒްރޭލު ސިފައިން ލުބުނާނުން ނުފައިބާނެ ކަމަށާއި އިޒްރޭލަކީ ސުލްހައިގެ އެއްބަސްވުންތަކާ ހިލާފުވުމުގެ ރެކޯޑެއް އޮންނަ ބައެއް ކަމަށެވެ. އެގޮތުން މިހާރުވެސް ލުބުނާނާއެކު އޮތް އެއްބަސްވުމާ 10،000 ފަހަރު ހިލާފުވެފައި ވާކަމަށް މުރާސިލުން ބުނެއެވެ.