އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް، މަގާމުން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ސޮއިކުރައްވައި މައުރޫފަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ސިޓީގައި ބަޔާންކޮށްފައި ނުވެއެވެ.
ސަރުކާރާ ވާދަކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ރަނގަޅު ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް ޕާޓީގެ އެތެރޭގެ ކޯޅުން މިވަނީ ބޮޑުވެފައެވެ. އެގޮތުން ތިން އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒަށް ވެސް ދެއްވާފައި ނުވެއެވެ.
އެއާއެކު އެ ދެ ބޭފުޅުންނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ. އަދި ހުދު ނަޝީދާއި ފައްޔާޒް ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވެއެވެ.
އެމްޑީޕީގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އިދިކޮޅަށް އެފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ނަޝީދު އިސްވެ ކުރެއްވި މަސައްކަތްޕުޅުންނެވެ. ނަމަވެސް ކާމިޔާބީ ފާހަގަ ކުރަން ބާއްވާ ޖަލްސާގައި އެ ބޭފުޅާއަށް ފުރުސަތު ނުދިނުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ބައެއް މީހުން ދަނީ އަޑުވެސް އުފުލަމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށްވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވިއެވެ. އެފަހަރު ދެ ފެކްޝަނަށް ބެހި އެންމެ ފަހުން ނަޝީދު "ދަ ޑިމޮކްރަޓްސް"ގެ ނަމުގައި އާ ޕާޓީއެއް ވެސް އުފެއްދެވިއެވެ. އެ ޕާޓީން އިންތިހާބުގާއި ވާދަ ކުރި ނަމަވެސް ދެވަނަ ބުރަށް ހޮވިފައި ނުވެއެވެ. އޭގެ ފަހުން އަނެއްކާވެސް ނަޝީދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
