ހަރަދުކުޑަކުރަން މިފްކޯ މުވައްޒަފުންގެ މަސައްކަތު ވަގުތު ކުރުކޮށްފިއެވެ.

މިފްކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޝިފްޒާ މުސްތަފާ ވިދާޅުވީ މިފަދައިން ނިންމާފައިވަނީ މިހާރު މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ހަރަދުތައް ކުޑަކުރުމަށް އެ ކުންފުނިން އެޅުމަށް ނިންމާފައިވާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން މައި އޮފީހާއި ސެންޓަރުތަކުގެ ރަސްމީ މަސައްކަތު ވަގުތު ކުޑަކޮށްފައިވާކަން ފާހަގަކޮށް ޝިފްޒާ ވިދާޅުވީ ދެން މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށެވެ.

މިފްކޯގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތު ގަޑި 8:00 އިން 2:00 އަށް ކުރުކުރީކަމަށް ޝިފްޒާ ވަނީ ވިދާޅުވެފައެވެ.

އަދި މިފަދައިން އަމަލުކުރުމުގައި އެއްވެސް މުވައްޒަފެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެ ފަދައިން އިންތިޒާމުތައް ހަމަޖެއްސިފައިވާކަމަށްވެސް ޝިފްޒާ ވަނީ ވިދާޅުވެފައެވެ.

ޝިފްޒާ އިތުރަށް ވިދާޅުވީ މެންދުރު 2 ގެ ފަހުން މުވައްޒަފުން މަސައްކަތަށް ނެރޭނަމަ އެކަމުގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.

ރަސްމީ މަސައްކަތު ވަގުތު ކުޑަކުރަން ނިންމި ނަމަވެސް ބޯޓުތަކާއި އެހެނިހެން އޮޕަރޭޝަންތައް އަދި މިފްކޯގެ މަސްފިހާރަތައް ކުރިއެކޭވެސް އެއްގޮތަށް ހުޅުވިފާ ހުންނާނެކަމަށް ޝިފްޒާ ވަނީ ވިދާޅުވެފައެވެ.