ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.
މިއީ މި ސަރުކާރު އައި ފަހުން އައްޔަންކުރެއްވި ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ އިސްމާއީލް ނަވީނެވެ. އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު އައްޔަންކުރެއްވި ކަމަށް ފުލުހުން ސޯޝަލް މީޑިއާގައި ވަނީ ހާމަކޮށްފައެވެ. އަހުމަދު މުހައްމަދު ފުލުހުންގެ ހިދުމަތަށް ވެންނެވީ 1995ގަ އެވެ.
އިންޑިއާގެ ސަރުދާރު ވަލާބައީ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީން ފުލުހުންގެ މަތީ ތަމްރީނުތައް ހާސިލްކުރެއްވުމުގެ އިތުރުން އޭނާ ވަނީ ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓާސް ހާސިލްކުރައްވައިފަ އެވެ.
ފުލުހުންގެ ހިދުމަތުން އޭނާ މީގެ ކުރިން ވަކިކުރަން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައަށް ރިއާތަތް ކުރުމަށްފަހުއެވެ. އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021 ގަ އެވެ. ނަމަވެސް ޓޫފޯއަށް އަލުން ވަޒީފާ ދިނީ މިދިޔަ ސެޕްޓެމްބަރު 3، 2025، ގަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ، ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާ ލަފާގެ މަތިންނެވެ.
