ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމް އިން ބުނީ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިގްރާތީ އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަންނަން ޖެހޭ ކަމަށެވެ.

މީގެއިތުރުން އިންތިހާބުގެ ނަތީޖާއަށް އިހުތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ގާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ހައްލުތައް ހޯދުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު 70 ޕަސެންޓް މީހުން ވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފައެވެ. އެއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 9843 ވޯޓެވެ. އަދި މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާގޮތުން މިކަމަށް އާއެނކޭ ބުނެފައިވަނީ 30 ޕަސެންޓު މީހުންނެވެ. މިއީ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން 4210 ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީއެވެ. މި އިންތިހާބުގައި އެމްޑީޕީން ކުރިހޯދަމުންދާކަން ފާހަގަކޮށް ރައީސް ނަޝީދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.