ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޒުވާބު ގިނަވެ، ވޯޓުގުނުން ހުއްޓުމަކަށް އައި މަޖީދިއްޔާ ސުކޫލުގެ ވޯޓު ފޮށީގެ ވޯޓު ގުނުން އަލުން ފަށައިފިއެވެ.

ހަމަނުޖެހުން ހިންގާފައިވަނީ މަޖީދިއްޔާ ސުކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގައެވެ. މީގެއިތުރުން އިސްލާމިކް ޔުނިވަސިޓީއާއި ވިލިމާލޭގައިވެސް ވަނީ ހަމަ ނުޖެހުން ހިންގާފައެވެ.

ހަމަ ނުޖެހުން ހިންގާފައިވަނީ މައި ދެ ޕާޓީގެ އޮބްޒާވަރުންކަމަށްވާއިރު، އެ ފަރާތްތަކުން ވަނީ ވޯޓު ގުނުމަށް ހުރަސްއަޅާ އީސީގެ މުވައްޒަފުންނާއި ދިމާލަށް ބާރަށް ހަޅޭއްލަވާ އަޑުގަދަ ކޮށްފައެވެ.

ހަމަނުޖެހުން ހިނގި މަރުކަޒުގައި ހުރި އޮބްޒާވަރުން ދިން މައުލޫމާތަށް ބަލާއިރު، ވޯޓު ފޮށީ ގުނަން ފެށުމަށް ވޯޓު ފޮށީ ކަނޑާފައި ގެނެސް އެޅީވެސް ވޯޓު ލާން ބޭނުން ކުރި ކަރުދާސްތަކެއް ހުރި މޭޒެއްގެ މައްޗަށެވެ.

މަޖީދިއްޔާ ސްކޫލްގެ ވޯޓު ފޮށި ފުލުހުންގެ ހާޒިރުގައި ގުނަނީ / ފޮޓޯ: ދަ ޕްރެސް

ސައްހަ އަދި ބާތިލް ވޯޓު ވަކިކުރަމުން ދިޔަ އިރު، އީސީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ވޯޓު ކަރުދާސްކޮޅުތައް ބާތިލް ކުރަމުން ދިޔަ ކަމަށް ވެސް އޮބްޒާވަރުން ވަނީ ބުނެފައެވެ. ވޯޓު ފޮށިތަކުގައި މައްސަލަ ދިމާވެގެން އީސީގެ ލަފާ ހޯދި ކަމަށާއި އީސީން ވެސް އެ މަރުކަޒުތަކަށް ރަނގަޅު ގޮތް އެންގި ކަަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަޖީދިއްޔާ ސުކޫލު ވޯޓު ފޮށި ކައިރީ ހުރި ދަ ޕްރެސްގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި މިހާރު ވަނީ އެ ފޮށީގެ ވޯޓު ގުނުން އަލުން ފަށާފައެވެ. ވޯޓު ގުނަން އަލުން ފަށާފައިވާއިރު، އެ ވޯޓު ފޮށި ކައިރީ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ދަ ޕްރެސްގެ ނޫސްވެރިޔާ މައުލޫމާތުދެއެވެ. އަދި ވޯޓުގުނުން ކުރިއަށް ގެންދަނީ ފުލުހުންގެ ހާޒިރުގައެވެ.