ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމެއް ކަނޑައަޅައިފިއެވެ.

އާދިއްތަ އާއި ހޯމަ ދުވަސް ބަންދުކޮށްފައިވާއިރު މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ގިނަ މުވައްޒަފުންނާއި އެހެނިހެން ފަރާތްތައް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދެ ދުވަސް ބަންދުކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިހާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ، އެޕްރީލު މަހުގެ 5 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދުމާއެކުއެވެ.

އަދި، އިންތިޚާބަށް ފަހުގައިވެސް، އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެޕްރީލު 6 ވާ ހޯމަ ދުވަސް ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް އީސީން އެދިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަދުގެ އިންތިހާބު ހެނދުނު 8 އިން ހަވީރު 5 އަށް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ. މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.