މާދަމާ އޮންނަ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އޮޕަރޭޝަން ބްލޫރޭ ފަށައިފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މާދަމާ ކުރިއަށްދާ ލޯކަލް ކައުންސިލް، ޑަބްލިއުޑީސީ އަދި ރިފަރެންޑަމް ވޯޓާ ގުޅިގެން އިލެކްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނާ އަބްދުﷲ ޝަރީފް ވިދާޅުވީ މިއަދުގެ ހަވީރު 6 ޖެހި އިރުން ފެށިގެން އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ އޮޕަރޭޝަން ބްލޫރޭގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތުގައި ފުލުންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މި އިންތިހާބުގެ ކަންކަން ހިނގަމުންދާއިރު، ހިނގަމުންދާ ސަރަހައްދުތަކާއި، އިންތިހާބުގަ ބޭނުންކުރާ އެންމެހާ ވަސީލަތްތަކާއި، ވޯޓުލާ މަރުކަޒުގައި އާންމުން ވޯޓުލާން އަންނައިރު އެތަންތަނުގެ ސަަލާމަތާ ރައްކާތެރިކަން ބެލެހެއްޓުން ކަމަށެވެ.
އަދި މި އިންތިހާބުގައި ކަންކަމުގައި ދޭން ޖެހޭ ސެކިއުރިޓީވެސް ދޭން ފަށާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު ކެމްޕެއިން ހަރަކާތްތައް މެދުކަނޑާލާފައިވާތީ، މާދާމާވެސް މިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
ފުލުހުން ވަނީ ވޯޓު ލާން ދާއިރު ގެންދަން ނުޖެހޭނެ އެއްޗެހި ނުގެންދިއުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
