ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއަކީ ވީއައިއޭގެ ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ. މިމުޅި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ 10 އޭޕްރިލް 2025 ގައެވެ.
ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރުގެ ސަރަހައްދެއް އަލުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައިވަނީ 31 އޮކްޓޫބަރު 2026 އަށެވެ.
ޓެކްސީވޭ-ޗާލީއަކީ ވީއައިއޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. 3,200 މީޓަރުގެ ދިގުމިން ހުންނަ މި ޓެކްސީވޭއަކީ 1976 ވަނަ އަހަރު ހެދި، އެއަރޕޯޓުގެ އެންމެ ފުރަތަމަ ރަންވޭއެވެ. 1981 ވަނަ އަހަރު ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މި ތަން ތަރައްގީކޮށް، އޭގެ ފަހުން އެކި ފަހަރުމަތިން މަރާމާތުތައް ކޮށްފައިވެއެވެ. ޚާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން މި ސަރަހައްދު ގިނަގިނައިން މަރާމާތު ކުރަން ޖެހުނެވެ.
މި ކުރީގެ ރަންވޭ، ޓެކްސީވޭއަކަށް ބަދަލުކޮށްފައިވަނީ އޮކްޓޯބަރު 2022 ގައެވެ. އެއީ މިހާރު އެއަރޕޯޓުގައި ބޭނުންކުރަމުންދާ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްދާ މަޝްރޫއުގެ ސަބަބުން އެއަރޕޯޓުގެ ރަންވޭ އޮޕަރޭޝަންތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
