އެންމެން އަތުކުރި އޮޅާލާ ގައުމު އިސްކޮށް މާދަން ވޯޓުލާން ނިކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ރަސްފަންނުގައި ޕީއެންސީގެ ސަުޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިސަރުކާރާ، ސަރުކާރުގެ ސަޕޯޓަރުން މަސައްކަތް ކުރަނީ ގައުމު އިސްކޮށްގެން ކަމަށާއި، އަމިއްލަ ބޭނުންތަކާއި، ސިޔާސީ ބޭނުންތައް އެކަހެރިކޮށް، ގައުމު އިސްކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުންދާނެކަމަށެވެ. މިހެންކަމުން މާދަމާ ލާ ވޯޓު ލާން ވާނީވެސް ގައުމު އިސްކޮށް މިއީ ގައުމީ ވޯޓެއްކަމަށް ދެކިގެން ކަމަށެވެ.
ވޯޓު ލާން އެންމެންވެސް ނިކުތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ވޯޓު ލުމަކީ އެންމެންގެވެސް ހައްގެ ކަމަށާއި، އަދި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ގައުމަށްޓަކައި ހެޔޮ ގޮތް ނިންމުން ވަރަށްވެސް މުހިންމު ކަމަށެވެ. އަދި މާދަމާ އަތަށް ލިބޭ ހުރިހާ ވޯޓު ކަރުދާހެއްގަވެސް ޖަހާ ފާހަގަ އަކީ މުސްތަގުބަލަށް ޖަހާނެ ފާހަގައެއްކަން ހަނދުމަބެހެއްޓުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. ރައީސް ވިދާޅުވީ މާދަމާ ނިންމާ ނިންމުމަކީ އަންނަން އޮތް ޖީލަށް ޖަވާބުދާރީ ވާން ޖެހިދާނެ ނިންމުމެއްކަމަށާއި، މިހެންކަމުން ގައުމު އިސްކޮށް، ގައުމަށްޓަކައި ވޯޓު ލައި ނިންމުންތައް ނިންމަން ވާނެކަމަށެވެ.
ރައީސް ވިދާޅުވީ އިސްކުރަން ވާނީ އެންމެ ފުރަތަމަ ގައުމުކަމަށާއި، ކަންކަން ނިންމާނީވެސް ގައުމީ ފިކުރުގައިކަމަށެވެ. ހަމައެހެންމެ ގައުމު ކޮށްދޭ ކަމަކަށް ނުބަ، ބަލަން ޖެހޭނީ ކޮންމެ މީހަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ގައުމުގެ ދަރަނީގެ ހާލަތުގެ ވާހަކަ އަށް އަލިއަޅުވާލާ ރައީސް ވިދާޅުވޯ މިސަރުކާރުވެރިކަމާ ހަވާލުވިއިރު ގައުމު އޮތީ އިގްތިސާދީ ގޮތުން ދަރަނީގެ އަނދަވަޅެއްގެ ތެރޭގައިކަަމަށެވެ. އިގްތިސާދި ގޮތުން ގައުމު ކޮޅަށް ޖެހުމުގައި ވެސް އިސްކަން ދިނީ ގައުމީ ފިކުރަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެގޮ ސުކޫކު ދެއްކުމަށް، ރައްޔިތުންގެ އެއްވެސް އިނާޔަތެއް ވަކިނުކޮށް، ރައްޔިތުންގެ ބޮލުގައި އެއްވެސް ދަރަންނެއް ނާޅުވާ، ފައިސާ ޗާޕުނުކޮށް، ރިޒާވްގަ ރިކޯޑް މިންވަރަކަށް ފައިސާ ބަހައްޓައި އިއްޔެ އެފައިސާ ދައްކާ ނިންމުނުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބުނާ ބަހުގެ ނަތީޖާ ދައްކާނީ އަމަލުން ކަމަށާއި، އެންމެން ގުޅިގެން އެކުގައި އިހުލާސްތެރި ކަމާއެކު ކުރި މަސައްކަތުން ރަހުނުތައް ސަލާމަތްކޮށް ދަރަނި އަދާކުރެވިފަ ވާަކަމަށެވެ.
މީގެއިތުރުން ދެއިންތިހާބު އެއްކޮށްލައިގެން ވާނެ ގެއްލުމެއް ނެތްކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމުން މިނިވަން މަޖިލީހެއް އުފެދި ސަރުކާރު ޖަވާބު ދާރި ކުރުވަން އެއްބާރުލުން ލިބޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިހެންކަމުން މާދަމާ އޮންނަ ވޯޓުގައި ގައުމީ ވިސްނުމެއްގައި އެންމެން އަތުކުރި އޮޅާލާ ގައުމު އިސްކޮށް ވޯޓު ލާން ނިކުތުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި މި ވޯޓަކީ ރައްޔިތުންގެ ތެރެއިން ބަޔަކު މާޔޫސް ވެގެންދާނެ ވޯޓަކަށް ނުހެދުމަށް އެންމެން އެއްބާރުލުން ދިނުމަށް ގޮވާލެއްވިއެވެ.
