މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ މަސައްކަތްތައް އޮބްޒާވްކުރުމަށް 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެކަމަށާއި، އެގޮތުން ވޯޓު ފޮށި އޮބްޒާވްކުރުމުގެ މަސައްކަތް ހެނދުނު 6:30 އިން ވޯޓުލުން ނިމުމާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮއްޓެއް އޮބްޒާވްކުރުމުގެ އިތުރުން އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމުލަ 104 ފޮއްޓެއް އޮބްޒާވްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. އެޗްއާރްސީއެމް އިން ބުނީ ކ. މާފުށީ ޖަލުގައިވެސް ކޮމިޝަންގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން ދާނެކަމަށެެވެ.

ވޯޓުގައި ބައިވެރިވުމާއި، ވޯޓު ލުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ހައްގެއްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މި ހައްގު އަދާކުރުމަށް ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ދޭ ވޯޓަކީ އެއްވެސް އެހެން މީހެއްގެ ނުފޫޒެއް ނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިހުތިޔާރުގައި ދޭ ވޯޓެއް ކަމުގައި ހަދަން ޖެހޭނެ ކަމަށްވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އަދި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތަކަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ. އެކަކު އަނެކަކާ އޮންނަ ސިޔާސީ ހިޔާލު ތަފާތުކުރުންތަކަށް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ހައްލު ހޯދުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ އިރު، ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.