ރ. އަލިފުށީ ގެއެއްގައި ރޯވެ މީހުންނަށް ނޫޅެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގާފައިވަނީ ރ. އަލިފުށީ އައިރިސްގޭގައި ކަމަށެވެ. އަދި މިހާދިސާ އާ ގުޅިގެން އަލިފާން ނިއްވުމުގައިނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ރ. އަލިފުށިން މައުލޫމާތު ލިބުނު ގޮތުން މި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. މި އަލިފާންގަނޑު ނިއްވާލުމަށް އެރަށުގެ ގިނަބަޔަކު ހަރަކާތްތެރިވިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އަލިފާން ނިއްވާލިއިރު، އަލިފާން ރޯވި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަކަމަށްވެސް މައުލޫމާތު ލިބިފައިއެވެ.
މިހާދިސާ އާ ގުޅޭ އިތުރު ތަފްސީލެއް އަދި އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
ރ. އަލިފުށީ ގެއެއްގަ މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ރޭ ގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދަންވަރު 02:50 ހާއިރުކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.
