ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ވެރިކަމަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭނގި ތިބެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ރައްޔިތުންނަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށާއި، މީގެ ސަބަބުން މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ނިޒާމު ނެތިކޮށްލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުން މަޖިލިސް މެންބަރުން ހޮވާނީ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ނޭނގި ތިބެ ކަމަށެވެ. މީގެ ސަބަބުން އެއްވެސް ޕާޓީއަކަށް ނަހަމަ ގޮތުގައި މަޖިލީހުގެ ބާރުތައް ނުލިބި، އެކި ފިކުރުތައް ތަމްސީލުވާ، ހަމަހަމަކޮށް ބެހިފައިވާ މަޖިލީހެއް އުފެދުމަށް މަގުފަހިވާނެއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބަށްފަހު ހަ މަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ޕާޓީން އަމިއްލަ މަސްލަހަތު އިސްކޮށް، މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ހަނިވެގެންދެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއެއްގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް އޮންނަން ޖެހޭއިރު، ސަރުކާރު ހޮވިފައި އޮވެގެން ބާއްވާ މަޖިލިސް އިންތިހާބެއްގައި ސަރުކާރު ކެންޑިޑޭޓުންނަށް އޮންނަ ނުފޫޒު ބޮޑުވެއެވެ.
މި ބަދަލަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ވަރުގަދަ ކުރުމަށް ގެންނަ އިސްލާހެއް ކަމަށާއި، މިނިވަން މަޖިލީހެއް އޮވެގެން ނޫނީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
2028 ވަނަ އަހަރުގެ އިންތިހާބަށް މިކަމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކުރަނީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމުގެ މަސްލަހަތު ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި މުޖުތަމައުގެ އިސްލާހަށް ކުރަންޖެހޭ ކަންކަމުގައި މި ސަރުކާރުން ފަަސްނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.
ރޭގެ ޖަލްސާގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ހޯއްދެވުމުގެ ކަންކަން ވެސް މި ޖަލްސާގެ ތެރެއިން ކުރިއަށްދިޔައެވެ.
