އިއްޔެ، މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހެއްގެ އޮޓޯޕްސީ ހެދުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ މެންދުރެއްހާއިރު އެމީހާ މަރުވެފައި އޮތްވާ ފެނުނީ، ގ. ފްރެޝް ލައިޓް ނަމަކަށް ކިޔާ ގެއަކުންނެވެ.
ފުލުހުން ބުނީ ނިޔާވި މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާ، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭ ގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު މި މިހާ މަރުވެފައި އޮއްވާ ފެނުނު ގެއަކީ ކުރިން ޑްރަގްގެ އެކި މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ގެއެކެވެ.
