މި މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މުވައްޒަފަކު މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދީފިއެވެ.

އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް އީސީން އަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ފަތުރަމުން ގެންދާ ހަބަރުތަކަކާ ގުޅިގެން އެ ކޮމިޝަނުން ބުނީ ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ކަން ފާހަގަވެފައިވާކަމަށެވެ.

ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކޮށް އީސީން ބުނީ ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކަކުން ކަމަށެވެ.

ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް އީސީން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެކަމަށާއި، އަދި ހަމަޖެހިފައިވާގޮތަށް ކޮންމެ މީހަކަށްވެސް 3 ކަރުދާސް އެމީހަކު ބޭނުންވާގޮތަކަށް ވޯޓުލުމަށް ދޫކުރާނެކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ އިރު، ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު، އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.