ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކުގެ އެންމެ އިސް މަސްއޫލިއްޔަތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 1,190 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ގައުމުގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން މި މަޝްރޫއުގައި ބައިވެރިވީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމުގެ ބަދަލުގައި، އެއީ ބޭންކުން ފަހުރުވެރިކަމާއެކު އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ދެކިގެންކަމަށެވެ. އަދި ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިން ނިޒާމު ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ، ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.
ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1,706 ޔުނިޓެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރޭ ބިންގާ އެޅުނު 1,190 ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބާކީ ހުރި 364 ޔުނިޓްގެ ބިންގާ މިރޭ އެޅިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫއަށް ހަލުވި މިނެއްގައި އަމަލީ ސިފަ އަންނަމުންދާ ކަމީ ދިވެހި އެތައް އާއިލާތަކަކަށް ލިބޭނެ ބޮޑު އުއްމީދެއް ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު މިދެކޭ ކުރިއެރުންތަކަކީ ރައީސްގެ އިސްނެންގެވުމާއި ހަރުދަނާ ތަސައްވުރުގެ ނަތީޖާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
